ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރަށް ކުރި އަމާޒު ހާސިލުކޮށް، ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
އެގޮތުން ދެ މިލިއަން ވަނަ ފަތުރުވެރިއަކަށް ޒިޔާރަތްކޮށްފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ.
ފިރިމީހާއާ ދެ ކުދިންނާއެކު އާއިލާއަކާއެކު ރާއްޖެއައި އެ އަންހެން މީހާއަށް ޓޫރިޒަމް މިނިސްޓްރީއާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ވަނީ ކުލަ ގަދަ މަރުހަބާއެއް ކިޔާފަ އެވެ
އެ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ޗެއާޕާސަން އަބްދުލް ގިޔާސް ރިޔާޒާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު, އިބްރާހިމް ޝިއުރީއާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ސާވިސް އަބްދުالله ވަހީދާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވަލޮޕްމެންޓް މުހައްމަދު ހަލީލާއި ކޮމާންޑަންޓް އޮފް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިބްރާހިމް ރަޝީދު އަދި އެ ކުންފުނިތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދާއިރާއަށްވާއިރު، މި އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އެތައް ގުނައެއް ކުރިއަށް ޖެހިލި، ކާމިޔާބު އަހަރަކަށެވެ.
އެގޮތުން ފާއިތުވީ 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 23 އާ ހަމައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވެސް މިއަހަރެވެ.
އެގޮތުން 2013 އިން ފެށިގެން މިއަހަރާ ހަމައިގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޑިސެމްބަރު މަހުގެ 23 އާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،978،252 އަށް އަރާފައެވެ. މިދިޔަ އަހަރު ނިމުންއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،878،543 ފަތުރުވެރިންނެވެ.



