ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ހުއްޓުވި ޝްރީ ލަންކާގެ މަސްބޯޓަކުން އަތުލައިގަތް 468 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
މި މަސްބޯޓު އަތުލައިގެންފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހައިކަންހާއިރު މަކުނުދޫ ބޭރުންނެވެ.
”އަށެންޕުތަ“ ނަމަކަށް ކިޔާ އެ މަސްބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ. އެއަށްފަހު ބޯޓު ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސް ބަލައި ފާސްކުރިއިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް ކޮމިޝަނާ އިފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެ އެވެ.
އެ މަސްބޯޓުން ހައްޔަރުކޮށްފައިވަނީ:
° ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)
° މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)
° ޗަމޮދް ދިވަންގާ ދިލަކާވަ (22އ)
° ލޮރެންސު ހޭވާގީ ސަރަތު (56އ)
° ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37އ)
އެ ބޯޓުން ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ.



