ސުނާމީ ކާރިސާ ހިނގިތާ 20 އަހަރު މިއަދު ފުރިފައިވާއިރު، 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިނގި އެ ބިރުވެރި ހާދިސާއަކީ އެކަން ތަޖުރިބާކުރި އަދި އެ ނާމާން ކާރިސާގައި ހާލުގައި ޖެހުނު އެއްވެސް ފަރާތަކަށް ފަސޭހައިން ހަނދާން ނައްތާލެވޭނޭ ދުވަހެއް ނޫންކަން ޔަގީނެވެ.
މިފަދައިން މި ހާދިސާ އެދުވަހު ތަޖުރިބާ ކުރެވުނު ބައެއް ފަރާތްތަކުގެ ވާހަކަތައް ހޯދައިލުމަށް މިއަދު ފެށި މަސައްކަތުން، ލޮލުގައި އަޅައިގަތީ ފުލުހުންގެ ވެބްސައިޓުގައި ލިޔެފައިވާ އާޓިކަލެކެވެ. ސުނާމީ ކާރިސާ ހިނގި ދުވަހު މީހުން ސަލާމަތް ކުރުމަށް ހިތްވަރުގަދަ ފުލުހަކު ކުރެއްވި މިންނެތް މަސައްކަތެވެ.
މިއީ ލ. ފޮނަދޫ ޗާންދަނީމާގޭ އަލްމަރްހޫމް ލާންސް ކޯޕްރަލް ޢަލީ ނާޒިމްގެ ވާހަކައެވެ. މި ދުނިޔެ ދޫކުރުމުގެ ކުރިން، ސުނާމީ ކާރިސާގައި އޭނާގެ ތަޖުރިބާއާ ބެހޭގޮތުން އޭނާ ހިއްސާ ކޮށްފައިވާ ލިޔުންކޮޅެކެވެ. މި ލިޔުންކޮޅު ފުލުހުންވެސް ވަނީ މިއަދު އޭނާގެ ހަނދާނުގައި ފުލުހުންގެ ވެބްސައިޓުގައި އެ ލިޔުންކޮޅު ހިއްސާ ކުރައްވާފައެވެ.
“އެދުވަހު މީހުންތައް ރާޅާއެކު އެކިގޮތްގޮތަށް ދުވާތަން ފެނުމުން ދެފަހަރަކު މަރެއް ނުވާނެއޭ އެންމެން ފުންމާލާށޭ ބުނެ އަޅުގަނޑު ފެންގަނޑުގެ ތެރެއަށް ފުންމާލީމެވެ. އެގޮތުން އަޅުގަނޑު އަތުގައި ޖެހުނު ކުއްޖަކު ގޮވައިގެން ދޮރުފަތެއް ލާފައި ހުރި ގެއެއް ފެނޭތޯ މަސައްކަތްކުރަމުން ދަނިކޮށް އަޅުގަނޑަށް ވަދެވުނީ އެރަށު ރުއްކޮށީ ގެއަށެވެ. އޭރު އަޅުގަނޑުގެ ހިމާޔަތުގައި 10 ވަރަކަށް ކުދިން (7 އަހަރާއި 15 އަހަރާއި ދެމެދުގެ) ތިއްބެވެ. އަޅުގަނޑު އެކުދިން ގޮވައިގެން އެރަށު ސާދީވިލާގޭގެ ފާރުމަތިން (7 ފޫޓް ހުންނަ ވަރުގެ) އެކުދިން ހިކިފަސް ތަނަކަށް ބާލައިގެން އަތިރިމައްޗަށް ގެންގޮސް ހިކިފަސްތާނގައި އޮތް ބައްތެއްޔަކަށް އެކުދިން އެރުވީމެވެ. އެއަށްފަހު އެންމެން ވެސް އޮޑިފަހަރަށް އެރުމަށް ގޮވަމުން ދުވެފައި ދަނިކޮށް އޮފީސް ކަންމަތިން ފައިތިލައިގެ މަސްގަނޑު އިރައިގެންގޮސް ހަށިގަނޑަށް ވެސް ގެއްލުންވެފައިވާ އަންހެނަކު ފެނުނެވެ. އޭރު އޭނާގެ ފައިން ލޭ އަންނަމުންދާތީ ލޭ މަނާކުރުމަށްޓަކައި ފޮތިކޮޅެއް ކައިރި ހިސާބަކުން ނުލިބުމުން އަޅުގަނޑު ލައިގެން ހުރި ޔުނީފޯމްގެ ގަމީސް ވީދާލުމަށްފަހު ޒަހަމް މަތީގައި ބަނދެލީމެވެ. މުޅި ރަށުތެރެއިން އޭރު އިވެނީ ރުއިމާއި ގިސްލުމުގެ އަޑެވެ.“ އަލްމަރްހޫމް ލާންސް ކޯޕްރަލް ޢަލީ ނާޒިމް ހިއްސާ ކުރައްވާފައިވެއެވެ.
ފުލުހުންގެ ލިޔުމުން އެނގޭ ގޮތުގައި، އަލްމަރްހޫމް ނާޒިމް މިދުނިޔެ ދޫކޮށް ދިޔައީވެސް އެފަދައިން ކަނޑުމަތީގައި ހާލުގައި ޖެހުނު ބަޔަކަށް އެހީވާން ދިޔަ މަގުމަތީގައި ދިމާވި ހާދިސާއެއްގައި، ޤައުމީ އަދި އިންސާނީ ވާޖިބު އަދާކުރަނިކޮށެވެ. އެދުވަހު، 2006 ސެޕްޓެންބަރު 21 ވަނަ ދުވަހު، ކަނޑުމަތީގައި ހާލުގައިޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދަނިކޮށް، އަލީ ނާޒިމް ދުއްވަމުން ދިޔަ ސައިކަލު މަގުގައި ކޮނެފައިވާ ވަޅުގަނޑަކަށް ވެއްޓި އޭނާ ނިޔާވީއެވެ. މިއީ އޭނާގެ އާއިލާއަށާއި އެތައް ބަޔަކަށް ކުއްލި ސިހުމެއް ލިބުނު ހިތްދަތި ހާދިސާއެކެވެ.



