ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންގެންދާ ފްރާންސްގެ މުސްލިމު އާއިލާގެ ޓްރެވެލް ޑޮކިއުމަންޓުތައް އަދިވެސް ލިބިފައިނުވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
ފްރާންސްގެ އެއާއިލާ ޑީޕޯޓު ކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމާފައިވަނީ ފާއިތުޥީ 12 އަހަރު ދުވަސް ވަންދެން ވިސާއަކާ ނުލައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެއާއިލާ އުޅެމުންދާކަން ފެންމަތިވުމުންނެވެ.
އެއާއިލާގެ ވާހަކަ ފެންމަތިވެފައިވަނީ އޮންލައިން ނޫހަކުން މިކަމާ ގުޅޭގޮތުން ދިރާސާތަކެއްކޮށް، ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެ ރިޕޯޓުގައި ވަނީ ފްރާންސްގެ މުސްލިމު އެ އާއިލާ ރާއްޖޭގައި ވިސާއެއް ނެތި އުޅޭތާ މިހާރު 12 އަހަރުވެފައިވާ ކަމަށާއި މިވަގުތު ދިރިއުޅެނީ ތ. ވޭމަންޑޫގައި ކަމަށް ބުނެފައެވެ.
އެރަށު މީހުންނާ އެއާއިލާއިން މާބޮޑު ގުޅުމެއް ނުބޭއްވި ކަމުގައިވިޔަސް، އެއްވެސް މީހަކަށް އުނދަގުލެއް ނުކުރާ ކަމަށް ވެސް ލިޔެފައިވެއެވެ. އަދި އެމީހުން ފްރާންސް ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަން ފެށި، އިސްލާމްވުމަށްފަހު އަމިއްލަ ޤައުމުގައި ދިރިއުޅެން އުނދަގޫވެގެން ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އިނގިރޭސިވިލާތަށް ގޮސް، ފަހުން ރާއްޖެއައީ ޓޫރިސްޓު ވިސާގައި ކަމަށާއި ނަމަވެސް ޓޫރިސްޓު ވިސާގެ ތިންމަސް ދުވަސް ހަމަވުމުން ވެސް އެނބުރި ޤައުމަށް ނުގޮސް އަދި ވިސާ އައުވެސް އައު ނުކޮށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވީކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގެ ސަބަބުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު މިމަހުގެ 15 ވަނަ ދުވެހުގެ ރޭ ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މުސްލިމް އެ އާއިލާގެ އިސްމީހާ މިދިޔަ އޮކްޓޫބަރު 23 ގައި އެ އިދާރާ އަށް ހާޒިރުކުރި ކަމަށާއި ނަމަވެސް އެ ހަ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ ޓްރެވެލް ޑޮކިއުމަންޓެއް ހޯދަން ޖެހޭ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ”ސައުވީސް“ އިން ސުވާލު ކުރުމުން ޝަމްޢާން ވިދާޅުވީ ފްރާންސްގެ އާއިލާގެ ޓްރެވްލް ޑޮކިއުމެންޓުތައް އަދިވެސް ނުލިބޭ ކަމަށާއި އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
”ހުރިހާ މަސައްކަތެއް ވެސް ހަމަ ކުރިއަށްދާނީ ޤާނޫނާ ޤަވާއިދުގެ މަތިން. ޕާސްޕޯޓުތައް ހަދަންވީ ފޮނުވާފަ. މިވަގުތު އިތުރު ކުރިއެރުމެއް ނެތް“ ޝަމްޢާން ވިދާޅުވިއެވެ.
މީގެއިތުރުން ޝަމްޢާން ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން އިމިގްރޭޝަނުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށާއި އިތުރު އަޕްޑޭޓެއް މިވަގުތު މިކަމާ ގުޅޭގޮތުން ނެތް ކަމަށެވެ.




