ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އަންގައިފި އެވެ.
މި މައްސަލައަކީ އާސަންދަ ކުންފުނިން ޕްރައިވެޓް ރޫމްތަކާއި އޮޑިޓޯރިއަމެއް ވެސް ހިމެނޭ ގޮތަށް 6 ފަންގިފިލާގެ މަލްޓިޕާޕަސް އޮފީސް އިމާރާތެއް އެޅުމަށް އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ. އެ ކުންފުންޏަށް މި ޕްރޮޖެކްޓު ދީފައިވަނީ 2016 ވަނަ އަހަރު އެވެ.
ނަމަވެސް މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގެންދަނީސް އެ ކުންފުންޏަށް، މިދިޔަ ސަރުކާރުގައި އެޑްވާންސަށް 44 މިލިއަން ރުފިޔާ ދިން މައްސަލައެއް މި އަހަރުގެ ޖުލައި މަހު ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން އަލީ ހަމީދާއި އާސަންދަ ކުންފުނީގެ ވެރިން ހާޒިރުކޮށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވަނީ ސުވާލުވެސް ކޮށްފައެވެ.
މައްސަލަ އާ ގުޅިގެން ކޮމިޓީގެ މެންބަރުން ސުވާލު ކުރުމުން ހަމީދު ވިދާޅުވެފައި ވަނީ ކުންފުންޏަށް ލިބިފައިވާ ފައިސާއަކީ އާސަންދަ އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ އެޑްވާންސް ފައިސާ ކަމަށެވެ.
އެ ފައިސާ ލިބިފައި ވަނީ އިމާރާތް އަޅަންވީ ތަނުގެ ބިން ކުންފުންޏާ ހަވާލުކުރުމަށް ފަހު ކަމަށާއި ފައިސާ އާސަންދައިން ދޫކުރީ، އެ ފައިސާއަށް ބަހައްޓަން ޖެހޭ ހުރިހާ ސެކިއުރިޓީސްގެ ގޮތުގައި މުދަލާއި ފައިސާ ބެހެއްޓުމުން ކަމަށް ވެސް ހަމީދު ވިދާޅުވެފައިވެ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، މިދިޔަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބަލައި، ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
އަދި މި މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް އެ އޮފީހަށް ފެންނަ ކަމަށާއި މި މައްސަލައަށް އިތުރު ސަމާލުކަމެއްދީ، މައްސަލައަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މިއަދު އެ ހިދުމަތުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.




