އިސްރާއީލުން އެންމެ ފަހުން ޣައްޒާ ސަރަޙައްދަށް ދިން ވައިގެ ހަމަލާގައި މަދުވެގެން 15 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
މި ހަމަލާ އަމާޒުކުރެވުނީ ޣައްޒާ ސިޓީގެ ދެ ރިހާއިޝީ ގެއަކަށާއި، އޭގެ ދެކުނާއި އުތުރު ސަރަޙައްދުތަކަށެވެ.
އިޒްރޭލުން ވަނީ ޝައިޚް ރަޟްވާން ސަރަޙައްދުގައި ހުރި 7 އާއިލާ ދިރިއުޅެމުން އައި ގެއަކަށް ވައިގެ ހަމަލާއެއް ދީފައެވެ. މިހަމަލާގައި މުޅި ގެ ހަލާކުވެފައިވާއިރު، މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.
މިހަމާލާގައި އަނިޔާވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، 40 އެއްހާ މީހުން އަދިވެސް އިމާރާތުގެ ދަށުގައި ބަންދުވެފައި ތިބިކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން، ޣައްޒާ ސިޓީގެ ދެކުޓީގެ ދެކުނު ސަރަޙައްދަށް ދިން އިތުރު ހަމަލާއެއްގައި ދެ މީހަކު މަރުވެ، 20 އަށް ވުރެއް ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. މިހަމަލާ ދިން އިމާރާތުގެ ތެރޭގައި 7 މީހުން އަދިވެސް ބަންދުވެފައި ތިބިއިރު، މެޑިކަލް ޓީމުތަކުން ވަނީ މަދުވެގެން އެއް ހަށިގަނޑު އެ ތަނުން ނެރެފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ސިފައިން ވަނީ އަލް-ޒައިތޫން ސަރަޙައްދުގެ އާންމު ސަރަޙައްދުތަކަށް ހަމަލާދިނުން ކުރިއަށް ގެންގޮސް، އަދި އުތުރު ޣައްޒާގެ އާންމު ދިރިއުޅޭ އިމާރާތްތަކަށް ވެސް ހަމަލާ ދީފައެވެ.
އިޒްރޭލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 45,361އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 17,000 ކުޑަކުދިން ހިމެނެއެވެ. އަދި ޣައްޒާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި 10,000އެއްހާ މީހުންގެ ހަށިތައް އިމާރާތްތަކުގެ ދަށުގައި ވަނީ ތާށިވެފައެވެ.




