އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ސިންގްގެ ޢާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަޢުޒިޔާ ކިޔުއްވާ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ހިތާމަވެރި ވަގުތުގައި އިންޑިއާގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުންނާއި އެމަނިކުފާނު ހުންނެވި ކަމަށެވެ.
މީގެއިތުރުން، 2011 ވަނަ އަހަރު މަންމޯހަން ސިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މުހިންމު ދަތުރުފުޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ”ލުކް އީސްޓް ޕޮލިސީ“ އަކީ މުޅި ދެކުނު އޭޝިއާގެ ތަރައްޤީއަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
މަންމޯހަން ސިންގ އަވަހާރަވެފައިވަނީ ޞިއްޙީ ޙާލަތު ގޯސްވުމާ ގުޅިގެން ދިއްލީގެ ޞިއްޙީ މަރުކަޒެއްގައި ފަރުވާ ދެމުން ގެންދަނިކޮށް އުމުރުން 92 އަހަރުގައެވެ.
މަންމޯހަން ސިންގއަކީ އިންޑިއާގެ އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ވެރިންގެ ތެރެއިން ބޭފުޅެކެވެ. އޭނާ 2004 އިން 2014 އަށް ބޮޑުވަޒީރުކަން ކުރެއްވިއެވެ. އަދި އޭގެ ކުރިން މާލީ ވަޒީރުކަން ކުރެއްވި ދުވަސްވަރު، އިޤްތިޞާދީ އިޞްލާޙުތަކުގެ މުހިންމު ބިންގަލެއްކަމުގައި ބެލެވެއެވެ.
އިންއިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރެއިން އެއް ބޭފުޅަކު ގެއްލުނު ކަމަށްޓަކައި އިންޑިއާ ހިތާމަކުރާ ކަމަށެވެ. އަދި ސިންގްގެ ޙިކުމަތްތެރިކަމާއި ސާދާކަން އަބަދުވެސް ފެންނަން ހުންނާނެކަަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު މީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ސިންގް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.



