ކުރީގެ ސަރުކާރުގެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ އިސްވެރިންގެ އިލެކްޓްރޯނިކް ވަސީލަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެއް ފުލުހުން ވަނީ ރޭ ބަލައި ފާސްކޮށްފައެވެ.
މި ޚިޔާނާތުގެ މައްސަލައިގައި ގާތްގަނޑަކަށް 15 މީހުން ބައިވެރިވެފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އާރްޑީސީގެ ތިން މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެންކަން ތަހުގީގު ކުރަމުންދާ މި މައްސަލައަކީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހުށަހެޅުނު މައްސަލައެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން ހޯދުނު އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ވަނީ ހިފަހައްޓާފައެވެ.




