އިޒްރޭލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު މަސްޖިދުލްއަޤްޞާއަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ އިސްލާމީ މުޤައްދަސް ތަންތަނުގެ ޤަދަރާއި ޙުރުމަތް ގެއްލުވާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ މަޤާމު ބަދަލުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާ ޢަމަލެއް ކަމަށެވެ.
މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމަށްވެސް ބަޔާނުގައި ފާހަގަކޮށް ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ މި ޢަމަލަކީ ފަލަސްޠީނުގެ ރައްޔިތުންނާއި ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
އެވުޒާރާއިން ވަނީ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުން ކަށަވަރުކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.
މި ހަމަނުޖެހުމަށް ދާއިމީ ޙައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވުމުން ކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



