ޔަހޫދީ އިޒްރޭލުން ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލުގައި ހުޅުޖަހައި، އެ ހޮސްޕިޓަލު އެއްކޮށް އަންދާލައިފިއެވެ.
ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ކޮރެސްޕޮޮންޑެންޓަކު މައުލޫމާތު ދީފައިވާ ގޮތުގައި އިޒްރޭލުން ކަމަލް އަދްވާން ހޮސްޕިޓަލުގައި ރޯކޮށްލާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އެ ހޮސްޕިޓަލުގައި ހުޅުޖެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިއީ ބޮޑު ޓެރަރިސްޓު ހަމަލާއެއްކަން މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިޒްރޭލުން ކަމަލް އަދުވާން ހޮސްޕިޓަލުގައި ހުޅުޖެހުމަށްފަހު އެ ހޮސްޕިޓަލުގެ އެތައް ސްޓާފުންތަކެއް ވެސް ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޑައިރެކްޓަރު ހުސެއިން އަބޫ ސާފިޔާ ވެސް ހިމެނޭ ކަމަށާއި އެމީހުން ގެންދިޔައީ ހަމައެކަނި ސުވާލުކުރަން ކަމަށް އިޒްރޭލުން ބުނި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އިޒްރޭލުން ވަނީ މީގެ ކުރިންވެސް ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލަށް ހަމަލާދީ، އެތަނުން ރަނގަޅު ސިއްހީ ޚިދުމަތެއް ނުދެވޭނެ ވަރަށް އެ ހޮސްޕިޓަލަށް ގެއްލުންދީފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ރައްޔިތަކަށް ބަނޑުހައި ހޫނުކަމުގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ކަމަށާއި މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވެއެވެ.



