މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގ ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ މއ. ކޮޓްންވިލާ / އަޙްމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލައް ދޫޑިގަންނިއުވެލީ / މުޙައްމަދު އިވާން (23 އަހަރު) އަދި އުމުރުން 17 އަހަރުގެ ޝަރުޢީގޮތުން ކުޑަކުއްޖެކެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެން ކަމަށާއި މީގެ އިތުރުން 24،110 ރުފިޔާވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އަޙްމަދު ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



