މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއަށް އައި އިންޑިއާގެ ތަހުގީގު އެމީހުންގެ މަސައްކަތަށްފަހު ފުރައިފިއެވެ.
ހައުސިންގް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގެ އިތުރުން އަލިފާނުގެ އެ ހާދިސާގައި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގައި ވެސް ވަނީ އަލިފާން ހިފައި، އެ އިމާރާތްތައް ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެކިކަހަލަ އަޑުތައް ފެތުރިފައިވާއިރު އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އަވަށްޓެރި އިންޑިއާ އިން ވަނީ ޚާއްސަ ތަހުގީގު ޓީމެއް ރާއްޖެއައިސް ފުލުހުންނާއެކު މަސައްކަތް ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ.
”އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފަ. މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާނެ“ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި ހާދިސާއާ ގުޅޭގޮތުން ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ނަގާނީ ކިހާވަގުތެއް ކަމެއް ފުލުހުން ހިއްސާކުރައްވާފައެއް ނުވެއެވެ.



