ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލީ ފައުޖުން ހުޅުޖަހާ އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި ޢަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން ދިން މި ހަމަލާއަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ މުޅިން ޚިލާފު، ނުރައްކާތެރި ޢަމަލެއް ކަމަށެވެ.
މިއީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ އަނިޔާވެރި، ޢުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެއް ކަމަށާއި ޞިއްޙީ ޚިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑއަޅާފައިވާ ޢަމަލެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ދިވެހިރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.



