ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ވައިޑްބޮޑީ އެއާކްރާފްޓެއް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.
މޯލްޑިވިއަންގެ ސްޓްރެޓަޖީ މެނޭޖަރު އިސްމާޢީލް ޢާޠިފް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ގެންނަން ހަމަޖެހިފައިވަނީ އެއާބަސް އޭ330-200 އެއާކްރާފްޓެކެވެ. މިއީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑެތި މަތިންދާބޯޓުތަކުގެ ތެރެއިން އެއް ބްރޭންޑެވެ.
ޢާޠިފް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އެއާކްރާފްޓް ހޯދުމަށް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ ތެރޭގައި ޖުލައި މަހު ލެޓަރ އޮފް އިންޓެންޓްގައި ސޮއިކުރުމާއި، މޯލްޑިވިއަންގެ އިންޖިނިއަރުން ލިތުއޭނިއާއަށް ގޮސް އެއާކްރާފްޓް އިންސްޕެކްޓް ކުރުން ހިމެނެއެވެ.
އެއާކްރާފްޓް މިހާރު ވަނީ ސިންގަޕޫރަށް ގެންގޮސް، ލިވަރީ ޕެއިންޓިންގގެ މަސައްކަތް ނިންމާފައެވެ. ޢާޠިފް ވިދާޅުވި ގޮތުގައި، މި އެއާކްރާފްޓް ޖެނުއަރީ 6 ނުވަތަ 7 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގެނައުމަށް ވަނީ ރޭވިފައެވެ.
މި އެއާކްރާފްޓް ރާއްޖެއަށް ގެނައުމަކީ މޯލްޑިވިއަން އަދި އައިލެންޑް އޭވިއޭޝަންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމުގައި ޢާޠިފް ފާހަގަކުރެއްވިއެވެ. މި އެއާކްރާފްޓަށް މަރުޙަބާ ކިޔުމަށްޓަކައި ޚާއްޞަ އެއަރ ޝޯއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މި އެއާކްރާފްޓް ރާއްޖެއަށް ގެނައުމުން ޗައިނާގެ ބައެއް މަންޒިލްތަކަށާއި ޔޫރަޕަށް ސީދާ ދަތުރުތައް ފެށިގެންދާނެއެވެ. އަދި މިކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެއާކްރާފްޓަކީ އެއްފަހަރާ 264 ފަސިންޖަރުން އުފުލޭ، ދުރު މަންޒިލްތަކަށް ސީދާ ދަތުރުކުރެވޭ ބޯޓެކެވެ.




