ރާއްޖޭގެ މެރިކަލްޗާ ސިނާއަތު ތަރައްޤީކުރުމަށް ޔޫއޭއީއާ ގުޅިގެން މަސައްކަތްކުރަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދާކަށްދުވަހު ބޭއްވުނު ބައްދަލުވުމެއްގައި، މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ޔޫއޭއީގެ ޝައިޚް މުޙައްމަދު ބިން ސުރޫރު އަލް ނަހްޔާންއާ ދެމެދުގައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މެރިކަލްޗާ ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ޔޫއޭއީއަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓްކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވުނެވެ.
ރާއްޖޭގައި މެރިކަލްޗާ ސިނާއަތު ފުޅާކުރުމަށްޓަކައި، ސަރުކާރުން ވަނީ ހަތަރު ސަރަޙައްދެއް ޚާއްޞަކޮށްފައެވެ. މިގޮތުން ހދ. އަތޮޅާއި، ރ. އަތޮޅާއި، މ. އަތޮޅާއި އަދި ތ. އަތޮޅުގައި މި މަސައްކަތަށް ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މަނިޔަފުށީގެ ކައިރީގައިވާ ފަޅެއްވެސް މި މަސައްކަތަށް ޚާއްޞަކޮށްފައިވެއެވެ.
މި މަޝްރޫޢުތަކަށް ހިތްވަރުދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ބައެއް ލުއިތަކެއް ދިނުމަށް ނިންމާފައެވެ. މިގޮތުން، މި މަސައްކަތަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ބިން ދޫކުރުމުގައި ލޭންޑް އެކުއިޒިޝަން ފީއެއް ނުނެގުމަށާއި، ފުރަތަމަ ތިން އަހަރު ބިމު ކުލި މަޢާފުކުރުމުގެ އިތުުރުން މި މަސައްކަތަށް ބޭނުންވާ އާލާތްތަކާއި ތަކެތި އެތެރެކުރުމުގައި އިމްޕޯޓް ޑިއުޓީ މަޢާފުކުރުން ހިމެނެއެވެ.




