މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ބުނެފިއެވެ.
އެމްއޭސީއެލްއިން ރާއްޖެ އަންނަ ބޯޓުތަކަށް ޖެޓް ފިއުލް ވިއްކުމުގެ ހިދުމަތް ދެމުން އަންނައިރު، މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓާރގައި 5.3 މިލިޔަން ޑޮލަރު ލިބި މިދިޔަ އަހަރާއި އަޅާބަލާއިރު %14 ވެފައިވާ ކަމަށް އެމްއެމްއޭގެ ކުއާޓާރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކައެވެ.
އެމްއެމްއޭ ރިޕޯޓުން ދައްކާ ގޮތުގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މި ކުއާޓަރގައި ރާއްޖެ އައި އެއަރލައިންތަކުގެ އަދަދު އިތުރުވެފައިވުމުގެ ސަބަބުންނެވެ.
ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި އެމްއޭސީއެލްއިން ވަނީ ވީއައިއޭގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފައެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިފިއުލް ފާމުން 45 މިލިޔަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވި އިތުރުން 1 މިލިޔަން ލީޓަރުގެ ޑީސަލާއި، 100،000 ލީޓަރުގެ ޕެޓްރޯލްވެސް ރައްކާކުރެވޭނެއެވެ.




