ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މާލޭގެ މަގުތައް އަލުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު މަގުތަކުގައި ހުރި އެންމެހައި މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދެވޭނެ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ކަންކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި އަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ދެ ޤައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ ދަށުން ޗައިނާގެ މާހިރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، މަޝްރޫޢާ ގުޅޭ ދިރާސާތަކެއް ވަނީ ފުރިހަމަކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ކަންކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް ވިދާޅުވި ގޮތުގައި، ޗައިނާގެ މާހިރުން މިހާރު ދަނީ މަޝްރޫޢުގެ ފީސިބިލިޓީ ރިޕޯޓު އެކުލަވާލަމުންނެވެ. އަދި މި ރިޕޯޓު ނިމުމުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ވާރޭވެހި ފެންބޮޑުވުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ގެނެވޭނެއެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު ދެތިން އަހަރުތެރޭ ނިންމުމަށް އަމާޒުކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދެވޭ މި މަޝްރޫޢުގައި، މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް އަޕްގްރޭޑްކުރެވި، ވާރޭފެން ހިންދުމުގެ ނިޒާމާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ހޮޅިތަކުގެ ނިޒާމުވެސް ޤާއިމުކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.



