ނިމިދިޔަ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލިމަނިކު (މޫކޭ) ފުރުން މަނާކޮށްފިއެވެ.
ކުރީ ސަރުކާރުގައި އާރްޑީސީ އިން ޚިޔާނާތް ހިންގިކަމަށް ތުހުމަތުކޮށް ސަރުކާރުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކި ރޭގައި ވިދާޅުވީ މޫކޭގެ އިތުރުން އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންވެސް ވެސް ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ދެ މީހުންނަށް އަންގާފައިވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވަނީ އާރުޑީސީގެ ޕޭޔަބަލްސް މެނޭޖަރުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް އެ ކުންފުނިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އާރުޑީސީއަށް ލިބޭ ފައިސާ އިސްވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބެލެވޭ މައްސަލަ އެވެ.
ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ހިމެނޭ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ތިން ތަނެއް ބަލައި ފާސްކޮށްފައެވެ. އެގޮތުން މޫކޭ ދިރިއުޅުއްވާ ގަލޮޅުގައި ހުންނަ ގެޔަކާއި ޔާސިރަށް ނިސްބަތްވާ ވިނަރެސް ފްލެޓަކާއި ހުޅުމާލޭގައި ހުންނަ ގެޔެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލައިގައި ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެކަމުގައި 3 މީހެއްގެ ބައިވެރިވުން ހިމެނޭކަން ޔަގީން ކުރެވިފައިވާ ކަމަށް މިދިޔަ މާޗު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރުން މިފަހުން ހިންގަމުންދާ ކަންކަމަކީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަކޮށް، ޑިމޮކްރެޓިކް ނިޒާމުގެ ދަށުން ލިބިދޭ މިނިވަންކަމަށް ހުރަސްއަޅައި އަޑުކަނޑުވާލަން ކުރާ ކަންކަން ކަމަށެވެ.




