ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ ކޮފީ ޝޮޕްތަކަކުން ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަންގައި 06 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއިން ވެއްދުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
އެގޮތުން ބިދޭސީން މަސައްކަތް ކުރާ ތަންތަނަށް އަމާޒުކޮށްގެން ތަފާތު އެކި ރެއިޑް އޮޕްރޭޝަންތައް އިމިގްރޭޝަނުން ދަނީ ހިންގަމުންނެއެވެ. މިފަދަ އޮޕަރޭޝަންތަކުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ ފަރާތްތައް އަނބުރާ ޤައުމަށް ދަނީ ފޮނުވާލަމުންނެެއެވެ.

އެގޮތުން އިމިގްރޭޝަނުން މިހާތަނަށް ވަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދާއި، މަސް ދޯނިތަކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގައި ހިންގާ ވިޔަފާރިތަކުގެ އިތުރުން ވެހިކަލްތައް ދޮވުމުގެ މަސައްކަތުގައި ވެސް އުޅޭ ބިދޭސީންގެ މައުލޫމާތުތައް ހޯދައި، އެމީހުން ރާއްޖޭގައި އުޅެނީ ޤަވައިދުގެ މަތިންތޯ ބަލައިފައެވެ.



