މި ސަރުކާރުން މިހާތަނަށް އޮޑިވެރިންނަށް 981 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްދޯނިތަކުން ކިރުވާފައިވާ މަހަށް އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އޮތްނަމަވެސް އޮޑިވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާ އުސޫލުގެ ދަށުން އެ ފައިސާ ދައްކައި ނިންމައި، ބެކްލޮގް އުވާލާފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 2023 ގެ ނޮވެމްބަރު 17 އިން 2024 ގެ ޑިސެމްބަރު 28 އާ ހަމައަށް، 55،925 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެއެވެ. މި މުއްދަތުގައި ކިރުވި މަހަށް 981،126،385 ރުފިޔާ އޮޑިވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.
އޮޑިވެރިންނަށް އަވަސް މުއްދަތެއްގައި ފައިސާ ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި، މާލީ ވުޒާރާއާއި މަސްވެރިކަމާބެހޭ ވުޒާރާގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަމަށް މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދޭނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވަޢުދުވެފައެވެ.



