މ. މުލީ އެއާޕޯޓުގެ މަސައްކަތް ނިމި، އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މިއަދު ހާމަކުރައްވައިފިއެވެ.
މުބީން ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް މުޅިން ނިމި، މިހާރު ކުރިއަށްދަނީ ޓާމިނަލް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފިނިޝިން މަސައްކަތްތަކެވެ. މި މަސައްކަތްތައްވެސް ނިމުމާ ކައިރިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެއާޕޯޓު ހުޅުވުމަށް ބޭނުންވާ ފަޔަ ލޮރީ ގަތުމަށް އޯޑަރު ދީފައިވާ ކަމަށާއި، އެ ތަކެތި ލިބުމުން މާޗް މަހުގެ އެއްވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މުބީން ވިދާޅުވިއެވެ.
މުލީ އެއާޕޯޓު އެޅުމުގެ މަސައްކަތް 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރެވުނު އިރު، އެއް އަހަރުގެ ތެރޭގައި 212 މިލިއަން ރުފިޔާއަށް މަސައްކަތް ނިންމުމަށް ހަވާލުކުރެވުނެވެ. ނަމަވެސް، ބަޖެޓުގެ ދަތިކަމާ ހެދި މަސައްކަތް ލަސްވެގެން ދިޔައެވެ.
މިދިޔަ ޖުލައި މަހުވެސް އެއާޕޯޓު ހުޅުވުމަށް މަސައްކަތްކުރެވުނު ނަމަވެސް، އޭރު މަސައްކަތް ނުނިމުމުގެ ސަބަބުން އެކަން ވަނީ ލަސްވެފައެވެ. އެހެންނަމަވެސް، މިހާރު މަސައްކަތްތައް ނިމި، އެއާޕޯޓު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެއެވެ.
ދާދިފަހުން ސަރުކާރުން ވަނީ މުލީ އެއާޕޯޓު ހިންގުމުގެ ޒިންމާ ރީޖަނަލް އެއާޕޯޓްސް ކުންފުންޏާ ހަވާލުކޮށްފައެވެ.



