ތިމަރަފުށީގައި ހިނގި މާރާމާރީގެ ހާދިސާއާއި ގުޅިގެން ހައްޔަރުކުރި 5 މީހުން ބަންދު ކުރުމަށް ކޯޓު އަމުރުކޮށްފިއެވެ.
މި ހާދިސާގައި ފަސް މީހުންގެ ގުރޫޕަކުން ތިމަރަފުށީގެ ގެޔަކަށް ވަދެ މާރާމާރީއެއް ހިންގި މައްސަލައެއް އިއްޔެ މެންދުރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ތިމަރަފުށީގެ 4 މީހަކާއި މާލެއަށް ނިސްބަތްވާ އެކަކު ހިމެނެއެވެ.
މިމީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އާސް އިބްރާހިމް، އަބްދުﷲ އަޝްރަފް އަދި މުހައްމަދު ރައޫފު،10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އަދި އަހުމަދު އަމީން7 ދުވަހަށް، އަހުމަދު ޝަހުދީ5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.




