ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ މައި އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް އަލުން އިޢުލާން ކޮށްފިއެވެ.
މި އިޢުލާނަކީ ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވުމާ ގުޅިގެން ކުރެވުނު އިޢުލާނެކެވެ.
ފެނަކައިން ހޯދަން ބޭނުންވަނީ މަދުވެގެން 10,000 އަކަފޫޓުގެ ބޮޑުމިނުގެ އިމާރާތެކެވެ. މި އިމާރާތް ކުއްޔަށް ހިފަން ބޭނުންވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 9 ވަނަ ދުވަހާއި ހަމަށް ރަޖިސްޓްރީ ވުމުގެ މުއްދަތު ހުޅުވާލެވިފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން tender.registration@fenaka.mv އަށް އީމެއިލް ކުރައްވާއިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ. އަދި ބީލަމާއެކު 100,000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.




