ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ ގުޅިގެން، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާނެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި އިއުލާން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުން ނެރެފައިވާ 26/2024 ނަންބަރު ދެންނެވުމުގައި މިކަން އިއުލާންކޮށް ބުނެފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، 26 ޑިސެންބަރު 2024 ގައި ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލާ ގުޅިގެން، މި ދެ މިނިސްޓްރީއަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ”މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ“ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ”އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ“ އެވެ.



