ރާއްޖޭގެ ދެ ބޮޑު ބޭންކު ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާ އަހަރާ ދިމާކޮށް 5 ދުވަހުގެ މުއްދަތަށް އެ ދެ ބޭންކު ބަންދުކުރަން ނިންމައިފިއެވެ.
މި ގޮތުން ބޭންކުތައް ބަންދުވާނީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބޭންކުތަކުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ބަންދު މުއްދަތު ނިމި ބޭންކުތައް އަލުން ހުޅުވާނީ ޖެނުއަރީ 6 ވަނަ ދުވަހުއެވެ. ނަމަވެސް، ބަންދު މުއްދަތުގެ ތެރޭގައިވެސް ކަސްޓަމަރުންނަށް މުހިންމު ބައެއް ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ދެ ބޭންކުންވެސް ހާމަކޮށްފައިވެއެވެ.
ބީއެމްއެލްގެ ފަރާތުން ބުނެފައިވަނީ ބަންދު މުއްދަތުގައި އެ ބޭންކުގެ އިންޓަނެޓް އަދި މޯބައިލް ބޭންކިންގގެ ޚިދުމަތާއި، ސެލްފް ސަރވިސް އޭޓީއެމްތަކާއި ކަސްޓަމަރ ސަޕޯޓް ސަރވިސްގެ ޚިދުމަތް އާންމު ގޮތަށް ލިބެން ހުންނާނެ ކަމަށެވެ.
އަދި އެމްއައިބީގެ ފަރާތުން ވިދާޅުވެފައިވަނީ އެ ބޭންކުގެ ބްރާންޗުތަކާއި ސޭލްސް ސެންޓަރުތައް ބަންދުވެފައި ހުންނަ ނަމަވެސް، އީ-ބޭންކިންގ އަދި އޭޓީއެމްގެ ޚިދުމަތްތަކުގެ އިތުރުން ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތްތައް މެދުނުކެނޑި ލިބެން ހުންނާނެ ކަމަށެވެ.
މި ބަންދާ ގުޅިގެން ބޭންކީ މުޢާމަލާތްތަކަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކަސްޓަމަރުން އެ ބޭންކުތަކުގެ ރަސްމީ ޗެނަލްތަކަށް ގުޅުމަށް ބޭންކުތަކުން އިލްތިމާސްކޮށްފައިވެއެވެ.


