ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ޚާން އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަ ކޮށްފައި އެނބުރި މުމްބައި އަށް ދިޔައިރު، އޭނާގެ މޫނު ފޮރުވައިގެން ހުރުމުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.
ޝާހްރުކް އޭނާގެ އަންހެނުން ގޯރީ ޚާންއާއި ދެ ދަރިންކަމުގައިވާ ސުހާނާ ޚާންއާއި އަބްރަމް ޚާން އާއެކު އަލީބާގްގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި މުމްބައި އަށް ދިޔައީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއާޕޯޓުގައި އެވަގުތު ތިބި ޕަޕަރާޒީން އެ އާއިލާގެ ފޮޓޯ ނެގިއިރު ފާހަގަވީ އެންމެ ބޮޑު އެއްކަމަކީ ޝާހްރުކްގެ މޫނު ނުފެންނަ ކަމެވެ. ހުޑީއެއް ލައިގެން ހުރިއިރު ޝާހްރުކް ހުރީ އޭގެން އޭނަގެ މޫނު ފޮރުވައިގެން، ކުޑަ ކުއްތާއެއް އުރައިގެންނެވެ.
މީގެ ކުރިން އިންޓަވިއުއެއްގައި ޝާހްރުކް ބުނެފައިވާ ގޮތުގައި އޭނާ ވަނީ އަންނަ އަހަރު ރިލީޒްވާ ”ކިންގް“ ފިލްމަށް ތައްޔާރުވާން ފަށާފައެވެ. އެ ފިލްމަށް ވަރަށް ބޮޑަށް ބަރުދަން ލުއިކުރަން ޖެހޭ ކަމަށާއި ހުންނަ ގޮތްވެސް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
”ކިންގް“ ގައި ޝާހްރުކް އާއެކު އޭނާގެ ދަރިފުޅު ސުހާނާ ވެސް ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ.
ޝާހްރުކް ޚާންގެ ފިލްމެއް މިއަހަރު ފެނިފައި ނުވާއިރު މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ރިލީޒް ކޮށްފައިވެއެވެ. އެއީ ”ޑަންކީ“، ”ޕަތާން“ އަދި ”ޖަވާން“ އެވެ.



