ފުލުހުން ތަހުގީގު ކުރަމުން އަންނަ ބިންވެރިޔާ ސްކީމް މައްސަލައިގައި ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ 20 މީހުންގެ ތެރެއިން 9 މީހަކު ފުރުމުގެ ހުއްދަ އަލުން ދީފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ފަރާތްތަކަކަށް ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން ފުރުން މަނާކޮށް، 20 މީހެއްގެ ޕާސްޕޯޓް ހިފަހެއްޓީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ބިންވެރިޔާ ހައުސިންގް ސްކީމްއާ ގުޅުންހުރި މައްސަލައާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރުން ކުރިން މަނާކޮށްފައިވާ މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ.
މި ފިޔަވަޅު އަޅުއްވާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާ ކުރެއްވުމަށްފަހު ޕީޖީގެ ލަފާފުޅާވެސް އެކުގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ރާއްޖެއިން ފުރުން މަނާ ކުރުމުގެ އަމުރު ބާތިލުކުރި މީހުންގެ ލިސްޓުގައި ފަޒުލް އާއި ފަޒީލް ނުހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުރުން މަނާ ކުރުން ބާތިލު ކުރި 9 މީހުންގެ ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.




