ކޮރެއާގެ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަތިންދާބޯޓެއް ވެއްޓި ހިނގާދިޔަ ނުރައްކާތެރި ހާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ތަޢުޒިޔާގެ ސިޓީއެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި ސިޓީގައި، މި ހާދިސާގެ ހިތާމަވެރި ޚަބަރު ލިބިވަޑައިގަތީ ވަރަށް ބޮޑު ކަންބޮޑުވުމާއެކު ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށާއި، ކޮރެއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު އެ ސިޓީގައި، މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބު އެދިވަޑައިގެންފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިތްވަރު ލިބުމަށް އެދިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.




