މި ފެށޭ އައު އަހަރާ ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ، މެދު ރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް މާދަމާއިން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދެކުނަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ މެދު ރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
އައު އަހަރާ ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ފާއިތުވީ ހަފްތާ ބަންދުގައި ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.



