އިސްރާއީލު ބިނާވެހިން އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަނުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިއީ އިސްލާމީ މުޤައްދަސް ތަންތަނުގެ ޙުރުމަތް ކެނޑުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ މަޤާމު ބަދަލުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައެވެ. އަދި މިއީ ފަލަސްޠީނު ރައްޔިތުންނާއި މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއްކަމުގައިވެސް ދިވެހި ސަރުކާރުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުން ކަށަވަރުކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.
ފާއިތުވި ދެ ދުވަސް ކުރިން، ޑިސެމްބަރު 27 ވަނަ ދުވަހު، އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު މަސްޖިދުލް އަޤްޞާއަށް ވަދެފައިވާކަން ފާހަގަކޮށް، އެ ޢަމަލުވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖެއިން ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރާ ކަމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމް އޭގެ ވެރިރަށް ކަމުގައި ބަލައިގެން، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަކީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދުމަށް އޮތް ހަމައެކަނި މަގުކަމުގައެވެ.



