ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް އެހެން ޕާޓީތަކުން ހުއްދަނެތި މެންބަރުން ވައްދާކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތުތައް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުޙައްމަދު އިސްމާއީލް މިއަދު ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.
އިއްޔެ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީއެންސީއަށް ބަދަލުވުމަށް އެދިފައިނުވާ އެ ޕާޓީގެ ބައެއް އާންމު މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން އެމްޑީޕީގެ ދަފުތަރުން އުނިކޮށް، ޕީއެންސީގެ ދަފުތަރުގައި ހިމަނާފައިވާ ކަމަށެވެ.
މީގެއިތުރުން އެމްޑީޕީން ތުހުމަތުކޮށްފައިވަނީ، ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަކުރުމަށްޓަކައި، މީހުންގެ ސޮއި ފޯޖުކޮށްގެން ފޯމު ހުށަހަޅާ ކަމަށާއި މިކަން ފށާއި މިކަން ފޮރުވުމަށް ސަރުކާރުން ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވާ ކަމަށެވެ.
އެމްޑީޕީން މި މައްސަލަތައް ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. އަދި ކުރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ތާރިޤު (މަނަދޫ ތާރިޤު) އަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އޭނާ ވިދާޅުވެފައިވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދަނީ އޭނާގެ ސީދާ ބެލުމުގެ ދަށުން ކަމަށާއި، ފޯމު ފުރުވަނީ އާންމު ރައްޔިތުންނާ ސީދާ ބައްދަލުކޮށްގެން ކަމަށެވެ.
މުޙައްމަދު އިސްމާއީލް އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި ފުލުހުންނަށް ޖަވާބުދާރީވާން ޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ހުންނާނެ ކަމަށެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ފެށި ތާ 11 މަސް ވެފައިވާއިރު، ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނޮވެމްބަރު މަހު ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީއަށް އޭރު 97،000 ފޯމު ލިބިފައިވާ ކަމަށާއި އެއް ލައްކަ މެންބަރުން ހަމަކުރާ ފުރަތަމަ ޕާޓީއަކަށް ވާނީ ޕީއެންސީ ކަމަށް ބުނެފައިވެއެވެ.



