ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ކުރަމުންދާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެންއެސްޑީއޭގެ އިސްވެރިންނާ އެކު ބޭއްވުނު ބައްދަލުވުމެއްގައި، ދެ އިދާރާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަހްރާ މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ.
އެމްއެންއެސްޑީއޭ އަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އިދާރާއިން ވަނީ ޤައުމަށް މުހިންމު ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެމްއެންއެސްޑީއޭ އިން ވަނީ އެކިއެކި މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ބައްދަލުވުންތައް ބާއްވައި، މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދީފައެވެ.




