މޯލްޑިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނައުމާ ގުޅިގެން، އަންނަ ހަފުތާގެ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި ޚާއްޞަ އެއާ ޝޯއެއް ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މި އެއާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އިން 5:30 އަށެވެ. މި ޝޯ ބަލައިލުމުގެ ފުރުޞަތު މާލޭގެ އުސްފަސްގަނޑާއި، ހުޅުމާލެ ފޭސް 1 އަދި 2 ގެ އިރުމަތީ އަތިރިމަތިން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ކުރެއްވި އިޢުލާނެއް ޙަޤީޤަތަކަށް ވުމުގެ ފެށުމެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ އަންނަ މަހު ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް ދަތުރުތައް ފަށާނެ ކަމަށެވެ.
މީގެ އިތުރުން، މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އަންނަ އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕުގެ އެކި ގައުމުތަކަށް މި އައު ވައިޑް-ބޮޑީ މަތިންދާބޯޓުން ދަތުރުތައް ފެށުމަށް ރޭވިފައިވާ ކަމަށް ވެސް ރައީސް އޭރު ހާމަކުރެއްވި އެވެ.


