ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާއެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށް އެމެރިކާގެ މަޝްހޫރު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
އެ ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ ނަމުގައި ތައްޔާރުކޮށްފައިވާ ކަރުދާހެއްގައި މި ރޭވުމުގެ ތަފްސީލުތައް ހިމަނާފައިވެއެވެ. މި ރޭވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ރާވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންނާއި ސިފައިންގެ 10 އިސް އޮފިސަރުންނަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ވެ ދޭން ވެސް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ. މި ރޭވުމަށް 6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ) ހޯދަން އުޅުނު ކަމަށާއި، އެ ފައިސާ އިންޑިއާއިން ހޯދުމަށް ރޭވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ މި ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ، ރައީސް މުޢިއްޒު މަޤާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެންބަރުން ނުލިބުމުން ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ.
މި ރޭވުމުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް، އެ މީހުން މަސައްކަތް ކުރީ ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ފަރާތުން ކަމެއް އެ ދެ ފަރާތުން ވެސް ޔަޤީންކޮށްދީފައެއް ނުވެއެވެ.
މި ރިޕޯޓާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ.



