ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމުގައި އިންޑިއާގެ އެހީތެރިކަން ނުލިބޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިފަދަ ރޭވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށެވެ.
އިތުރަށް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ. އަދި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އިންޑިއާއިން ދުވަހަކުވެސް ނާންގާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާއެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ރޭވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ރާވާފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުންނަށާއި ގޭންގު ތަކަށްވެސް ފައިސާ ދޭން ރާވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރޭވުމަށް 6 މިލިއަން ޑޮލަރު ހޯދަން އުޅުނު ކަމަށާއި، ނަމަވެސް އެކަށީގެންވާ އަދަދަކަށް މެންބަރުން ނުލިބުމުން މި ރޭވުން ކުރިއަށް ނުގެންދެވުނު ކަމަށް ވެސް ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.




