މި ފެށޭ 2025 ވަނަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވާތީ، މޫސުމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ޝްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، އައު އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށާއި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
އެގޮތުން ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ ގެއަށް ފެން ނުވަންނާނެހެން ކުރިއާލައި ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުތަކުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ރައްކާތެރިކުރުން
- ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑުދަތުރު ކުރާ މީހުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
- ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން
- ކާޑުގެ ބާވަތްތަކާއި ޒިރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒީމުކުރުން
މެޓް އޮފީހުން ބުނީ މި ފެށޭ ޖެނުއަރީ މަހުގެ 1 އިން 5 އަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުމުގެ އިތުރުން ބައެއް ހިސާބުތަކަށް އުދަ އަރާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން ވައި ޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކާއި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.



