ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިމިދިޔަ ސަރުކާރުން ނިންމާފައިވާއިރު، އެތަނުގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ، ސިޓީއެއްގެ ދަރަޖަ ބާތިލު ކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ މިދިޔަ މަހުގެ 21 ގައި ހުށަހެޅުއްވީ ޤާނޫނީ ވަކީލު މުޙައްމަދު ރާގިބު އަހުމަދު އެވެ.
ނަމަވެސް މި މައްސަލަ ނުބެލޭނެ ކަމަށް ނިންމަވައި، ހައިކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމި ނިންމުމުގައި ބުނެފައިވަނީ އެ ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ދުސްތޫރީ ގޮތުން ހައިކޯޓަށް ބެލޭނެ ކަމަށް ކަނޑައެޅިފައިވާ ފަދަ ހުށަހެޅުމަކަށް ނޫން ކަމަށެވެ.
މިދިޔަ ސަރުކާރުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ރަސްމީ އާބާދީގެ އަސްލަކަށް ބަލާފައިވަނީ އޭރުގެ ތިނަދޫ ކައުންސިލުން ހިއްސާކުރި ލިޔުންތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އެ ލިޔުމުގައި 10،150 މީހުން ހަމަކޮށްފައިވަނީ ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކަމަށް ބުނެފައިވެ އެވެ.
ރާގިބު ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން، 10،000 މީހުން ހަމަކުރުމަށް ތަކުރާރުކޮށް އައިޑީކާޑު ބޭނުންކޮށްފައިވާ ކަމަށާއި، އެވަގުތު މަރުވެފައިވާ 115 މީހުން އާބާދީގައި ހިމަނާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ރެޖިސްޓްރީ ލިސްޓަށް ބެލުމުން އެ އަދަދު 196 އަށް އަރާ ކަމަށް ވެސް ބުނެފައިވެ އެވެ.



