މިއަހަރަކީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރިކުރެވުނު އަހަރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރު ހާސިލުކުރެވުނު ކަންކަން ހިއްސާ ކުރައްވާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަހަރަކީ ރައްޔިތުން ބާރުވެރިކުރެވި، ޤައުމުގެ އިސްތިޤްލާލު ރައްކާތެރިކުރެވުނު އަހަރެއް ކަމަށެވެ.
ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި މިއަހަރު ޤާނޫނުއަސާސީއަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެވިފައިވެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކުރުން ހިމެނެއެވެ. އެގޮތުން ޤައުމީ ސަރަޙައްދަށް އިޞްލާޙު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައި ހަތަރުބައިކުޅަ ތިންބައިގެ ތާއީދާއި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ވޯޓު ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ބިމުގައި އެއްވެސް ބާވަތެއްގެ ޢަމަލީ އަސްކަރީ ހަރަކާތެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ބޭނުންވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރަޙައްދަށް ގެނެވޭ އިޞްލާޙުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ މާއްދާއަށް ގެނެވޭ ބަދަލުތަކަށް މިހާރު ޢާންމު ރައްޔިތުންގެ ރުހުން ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި މި ބަދަލުތަކަކީ ރައްޔިތުންގެ ބާރު އެންމެ މަތީ ދަރަޖައިގައި ރައްކާތެރިކުރުމަށް ކަށަވަރުކޮށްދޭ ކަމެކެވެ. ކުރިން މިފަދަ ކަންކަން އޮތީ އަސާސީ ޙައްޤުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އެކަނި ޚާއްސަކޮށްފައި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ނިންމާލަމުން ރައީސް ވިދާޅުވީ މިހާރު ކަންކަން ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. މި ބަދަލުތަކާއެކު ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ޤައުމުގެ އިސްތިޤްލާލު ހިމާޔަތްކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.




