މޫސުން ގޯސްވުމުގެ ސަބަބުން، މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2:45 އިން މިރޭ 8:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އައު އަހަރު ފެށޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނުވެސް ބުނެފައެވެ.
އެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، އައު އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން މެޓް އޮފީހުން ބުނީ މި ފެށޭ ޖެނުއަރީ މަހުގެ 1 އިން 5 އަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުމުގެ އިތުރުން ބައެއް ހިސާބުތަކަށް އުދަ އަރާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.



