ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކަމުގެ މަގާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ ވަރަށް އުފާ ކުރައްވާ ކަމުގައި، އެ މަގާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ”ހޭޔަންބޯ“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ޝަމްޢާން ވިދާޅުވީ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މި ޤައުމަށް ޚިދުމަތެއް ކޮށްލަން ލިބިލެއްވީމަ ކަމުގައެވެ.
”އަޅުގަނޑު ހަމަ ވަރަށް އުފާވޭ ޤައުމީ މިހާބޮޑު މައްސަލައަކަށް ހައްލު ހޯދުމަށްޓަކައި ރައީސް މުޢިއްޒު އަޅުގަނޑު މިމަގާމަށް އައްޔަނު ކުރެއްވީތީ. އަދި އަޅުގަނޑަށް އިތުބާރުކޮށް މި މަގާމު އަޅުގަނޑާ ހަވާލު ކުރެއްވީތީ“ ޝަމްޢާން ވިދާޅުވިއެވެ.
ޝަމްޢާން އިޝާރާތް ކުރައްވާފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ފަށައިގެން ކުރިއަށްގެންދާ މަސައްކަތްތަކަށެވެ. އެގޮތުން އިމިގްރޭޝަނުން މިހާތަނަށް ވަނީ ހުޅުމާލެ ހިޔާ ފްލެޓުގައި ހިންގާ ވިޔަފާރިތަކާއި، މާލޭގެ ބަނދަރު ސަރަހައްދާއި، މަސް ދޯނިތަކާއި، ލޯކަލް މާރުކޭޓު ސަރަހައްދުތަކުގެ އިތުރުން އެއްގަމު އުޅަނދުތައް ދޮވެ ސާފުކުރުމަށް އުޅޭ ބިދޭސީންގެ ތެރެއިން ވެސް ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހޯދައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.



