ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު، ކުރީގެ ސަރުކާރުތަކުން ހާސިލުކޮށްފައި ނުވާ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުލްކަރީމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ރައީސް މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި އަދި ޢާންމު ކަންތައްތަކާ ގުޅޭ ގޮތުން ގެންގުޅުއްވާ ވިސްނުންފުޅަށް ތަޢުރީފުކުރައްވާ ކަމަށެވެ. އަދި 2019، 2014 އަދި 2009 ވަނަ އަހަރަށްވުރެ 2024 ވަނަ އަހަރު މާ ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުލްކަރީމް މިހެން ވިދާޅުވެފައިވަނީ މިއަހަރު ހާސިލުކުރެވުނު ކަންކަން ހިއްސާކުރައްވާ މީސްމީޑިއާގައި ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓަކާ ގުޅުވައިގެންނެވެ. އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިއަހަރަކީ ރައްޔިތުން ބާރުވެރިކުރެވި، ޤައުމުގެ އިސްތިޤްލާލު ރައްކާތެރިކުރެވުނު އަހަރެއް ކަމަށެވެ.
ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރިވެ އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން، ޢަބްދުލްކަރީމް ވިދާޅުވީ ކުރީ ސަރުކާރުން ފާސްކޮށްފައިދޭ ބަޖެޓު ތަންފީޒު ކުރަން ނިކުންނަ ރައީސްއާ އަޅާކިޔާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާފައިވަނީ ވަރަށް ވަރުގަދަ ޕާރފޯމެންސެއް ކަމަށެވެ. އަދި އެހެން ވެރިކަންތަކުގައި ހާސިލުކޮށްފައި ނުވާ މިންވަރަށް ކަންކަން ހާސިލުކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުލްކަރީމްއަކީ އެމްޑީޕީ ސަރުކާރު އުފެދުނުއިރު ވަރަށް ގާތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން، އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގެ މެންބަރުކަންވެސް އަދާ ކުރައްވާފައެވެ.



