ދަރުބާރުގޭގައި ސަރުކާރުގެ ތިން މިނިސްޓްރީއެއްގެ މަސައްކަތް ވަގުތީގޮތުން ކުރިއަށް ގެންދަން ޖެހުމާ ގުޅިގެން، އެތަނުގެ ހޯލުތައް އާންމުންނަށް ކުއްޔަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ޓިނު ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެންވަޔަރަންމަންޓް، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީތަކުގެ އޮފީސްތަކަށް ލިބުނު ގެއްލުމާ ގުޅިގެން، އެ ތަންތަނުގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުނެވެ.
މިނިސްޓްރީތަކުގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރުމާ ގުޅިގެން، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީތައް އެއްކޮށްލައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި އަލުން އެކުލަވާލައި، ޚިދުމަތް ދޭން ފަށާފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ގެއްލުން ލިބުނު މިނިސްޓްރީތަކަށް ދާއިމީ އިމާރާތެއް ލިބެންދެން އިތުރު ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދާއިމީ ހައްލެއް ހޯދެންދެން ސަރުކާރުގެ އިމާރާތެއްގައި މިނިސްޓްރީތަކުގެ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.



