އިކޮނޮމިކް މިނިސްޓްރީން ޕޮލިސީ އަދި އިޤްތިޞާދީ ދިރާސާ ކޮންސަލްޓެންޓެއް ހޯދަން މިއަދު އިޢުލާން ކުރައްވައިފި އެވެ.
އެމިނިސްޓްރީން މިއަދު ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މާހިރަކު ހޯދަނީ އިޤްތިޞާދީ ދިރާސާތައް ކުރުމާއި ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ރޮނގާ ގުޅޭ ކަންކަމުގައި މަޝްވަރާ ދިނުމަށް ކަމުގައެވެ.
މި މަޤާމަށް ކުރިމަތިލައްވާ ބޭފުޅަކީ އިޤްތިޞާދު، މާލިއްޔަތު، ހިސާބު ބެލެހެއްޓުން، ބެލެހެއްޓުން، ވިޔަފާރި ހިންގުން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެ ފެންވަރުގެ އެމްކިއުއޭ ސަނަދެއް ހާސިލުކުރައްވާފައިވާ ބޭފުޅަކަށް ވާންޖެހޭނެ އެވެ. އަދި ވިޔަފާރި އަދި އިޤްތިޞާދީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވެސް ވާންޖެހޭނެ ކަމަށް އިޢުލާނުގައި ފާހަގަކުރައްވާފައިވެ އެވެ.
މި މަޤާމުގެ މުސާރައަކީ 32،840 ރުފިޔާ ކަމަށް އިޢުލާނުގައި ބަޔާންކުރައްވާފައިވެ އެވެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާ އެކު އެމިނިސްޓްރީގެ އިންސާނީ ވަސީލަތްތަކާބެހޭ ބަޔަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.



