ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ލޯނު ނަގައި އިންވެސްޓްކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އައު އުސޫލެއް ފާސްކޮށްފިއެވެ.
ޕީސީބީން މަޢުލޫމާތު ދިންގޮތުގައި، މި އައު އުސޫލު ފާސްކޮށްފައިވަނީ ފާއިތުވި ހަފްތާގައެވެ. މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމެވެ.
ކުރިން ޢަމަލުކުރަމުން އައި އުސޫލުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކުން ލޯނު ނެގުމާއި އިންވެސްޓްކުރުމުގެ ކުރިން ހޯދަންޖެހެނީ ޕީސީބީގެ ހުއްދައެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލާ އެކު، މި ހުއްދަ ހޯދަންޖެހޭނީ މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ.
އައު އުސޫލުގެ ދަށުން، ލޯނު ނަގަން ބޭނުންވާ ކުންފުނިތަކުން، ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަކުރުމަށްފަހު، ހުއްދައަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ހުއްދަ ލިބުމުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ލޯނު ނެގުމަށް ނިންމާތާ 5 ދުވަހުގެ ތެރޭގައި އެކަން ޕީސީބީއަށް އަންގަންވާނެއެވެ.
މީގެ އިތުރުން، އަލަށް އުފައްދާ ސަރުކާރުގެ ކުންފުނިތައް ގިންތިކުރާނެ ގޮތުގެ އުސޫލެއްވެސް މިފަހަރު ވަނީ ކަނޑައަޅާފައެވެ. މި ގޮތުން، އަލަށް އުފައްދާ ކުންފުނިތަކުގެ ގިންތި ކަނޑައަޅާނީ ކުންފުނީގެ މަޤްޞަދާއި ރައުސުލްމާލަށް ބަލައި، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ޕީސީބީންނެވެ.
ޕީސީބީން މި އައު އުސޫލުތައް އެކުލަވާލާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކޮށް، ކޯޕަރަޓައިޒްކޮށް، އަދި މޮނިޓަރކުރުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށް ކަމަށް އެ ބޯޑުން ބުނެފައިވެއެވެ. އަދި މި އުސޫލުތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ އިދާރާތަކުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޕީސީބީން އުންމީދުކުރެއެވެ.




