އިސްލާމިކް މިނިސްޓްރީގެ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025 އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ތަޢާރަފުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި އަންނަ އަހަރުގެ ޕްލޭން ތައާރަފްކޮށް ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި އައު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އައު އުކުޅުތަކާއެކު ކަމަށެވެ. އޭގެ ތެރޭގައި ހަމައެކަނި ފިޤުހީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، ނަމާދުގެ މުހިންމުކަން ހަނދާންކޮށްދިނުމާއި، ނަމާދުގެ ދުޢާތަކުގެ މާނަ އުނގަންނައިދިނުމާއި، ﷲ ގެ އިސްމުފުޅުތަކުގެ މަފްހޫމްތައް ބަޔާންކޮށްދިނުން ހިމެނޭ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ނަމާދާ ގުޅޭ ޞައްޙަ ޙަދީޘްތައް އުނގަންނައިދިނުމާއެކު، ނަމާދަށް ލޯބިޖެއްސުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމާދު ފަދަ އަޅުކަންތައް ކުރަންވާނީ ހިތުގެ އިޚްލާޞްތެރިކަމާއެކު ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެއްވެސް ހާލެއްގައި މަޖުބޫރުކަމާއެކު ނުވަތަ އަނިޔާވެރިކަމާއެކު ދީނީ ޢަމަލުތައް ކުރުވަން މަސައްކަތެއް ނުކުރާނަން. އޭގެ ބަދަލުގައި ލޯބީގެ މަގުން ނަމާދާއި އެހެނިހެން އަޅުކަންތައް އަދާކުރުމަށް ބާރުއަޅާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު ވަގުފް ޢިމާރާތްތައް އައުކުރުމާއި، ޒަކާތު ހައުސްގެ އައު ޢިމާރާތެއް ބިނާކުރުމާއެކު، އިސްލާމިކް މިނިސްޓްރީން އިތުރު އާ މަޝްރޫޢުތަކެއް ފަށާނެ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. މި ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދެވޭނީ ރާއްޖޭގެ ޢިލްމުވެރިންނާއި، އިސްލާމީ ޖަމްޢިއްޔާތަކާއި، އިމާމުންނާއި އަދި ކައުންސިލްތަކާ ގުޅިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނިމިގެންދިޔަ 2024 ވަނަ އަހަރަކީ ގިނަގުނަ ކާމިޔާބީތަކެއް ހޯދުނު އަހަރެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. އޭގެ ތެރޭގައި ޒަކާތު ފަންޑަށް ރެކޯޑު އަދަދެއްގެ ފައިސާ ލިބުމާއި، ގިނަ އަދަދެއްގެ ޤުރްއާން ޙާފިޡުން އުފެއްދުން ހިމެނެއެވެ.



