ޗައިނާއާއެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރަން ފެށުމުން މަސްވެރިންގެ ދިރިއުޅުން ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން އަމަލުކުރަން ފަށާ މި އެއްބަސްވުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށެވެ
މިނިސްޓްރީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ލިބި، ދިވެހި މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އެކްސްޕޯޓް އިތުރުކުރުމާއި، ވިޔަފާރީގެ ހުރަސްތައް ނައްތާލުމާއި، ދެ ގައުމުގެ ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ.
އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ގިނަ މަސް އުފެއްދުންތަކެއް ޗައިނާއަށް ޓެކްސް ނުނަގައި އެކްސްޕޯޓް ކުރެވޭނެ ކަމަށާއި، މީގެ އިތުރުން މަހުގެ އުފެއްދުންތައް ރީ-އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ޗައިނާގެ ވިޔަފާރިވެރިންނަށް ދިވެހިރާއްޖޭގެ ކަނޑުގެ ކާނާ ފަސޭހަކަމާއެކު ގަނެވޭނެ ކަމަށާއި، މިދިޔަ އޮކްޓޯބަރު މަހު ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު ކަނޑުގެ އުފެއްދުންތައް ޗެކްކުރުމާއި ކަރަންޓީނު ކުރުމުގެ އެއްބަސްވުމުގެ ސަބަބުން ކަނޑުގެ ކާނާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ލުއިފަސޭހަވެ، މި ދާއިރާގެ ވިޔަފާރި އިތުރަށް ކުރިއަރައިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
”މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ނަފާވެރިކުރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މި އެއްބަސްވުން ތަންފީޒުވުމުން ގައުމުގެ ޖުމްލަ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ހިއްސާ އިތުރުވެ، މަސްވެރިންގެ އާމްދަނީ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ.“ މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.


