ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އައު އަހަރުގެ ބަންދުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އާންމު ވައިވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ޅ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ހުދު ސަމާލެއް ނެރެފައިވާ ކަމަށާއި، މި ސަރަހައްދުތަކުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މޫސުން ގޯސްވުމަށް މައިގަނޑު ސަބަބަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝަރ ޓްރަފެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. މި ހާލަތާ ގުޅިގެން، އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.




