މިދިޔަ އަހަރު ތަޢާރަފުކުރި ޑިޖިޓަލް ކަލަންޑަރުގެ ސޮފްޓްވެއަރ އަޕްޑޭޓްކޮށް، 2025 ވަނަ އަހަރު އަލުން ބޭނުންކުރަން އެސްޓިއޯއިން ނިންމައިފިއެވެ.
އެކުންފުނިން ވަނީ ސޮފްޓްވެއާ އަޕްޑޭޓް ކުރާނެ ގޮތުގެ މައުލޫމާތު ކުންފުނީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުނެފައެވެ.
އާ އަޕްޑޭޓުގައި އިނޮވޭޝަނާއި ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާއަށް އިސްކަންދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން، ފަސޭހައިން ސޮޭހައިން ސޮފްޓްވެއަރ އަޕްޑޭޓްކުރެވޭނެ ގޮތާއި، ޑިޖިޓަލް ވަސީލަތްތަކާ ގުޅުވޭނެ ގޮތް، އަދި އިތުރު ބޭނުންތެރި ފީޗަރތައް ހިމެނޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އައު އަޕްޑޭޓުގައި އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން، ޚާއްޞަ ހަނދާންކޮށްދިނުންތަކާއި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިދިޔަ އަހަރު ތަޢާރަފުކުރި ޑިޖިޓަލް ކަލަންޑަރަކީ އެސްޓީއޯގެ ވިޔަފާރިއާއި ޢާންމު ހިންގުމުގައި ގެންގުޅޭ ދެމެހެއްޓެނިވި، އައު އީޖާދީ އަދި ޑިޖިޓަލް ބަދަލުތަކުގެ ވިސްނުމުގެ ދަށުން ނެރުނު އުފެއްދުމެކެވެ.
އެހެން އަހަރުތަކާ ޚިލާފަށް އައު ކަލަންޑަރެއް ނެރުމުގެ ބަދަލުގައި މިދިޔަ އަހަރުގެ ކަލަންޑަރު އަލުން ބޭނުންކުރަން ނިންމީ ކުންފުނީގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި މިއީ ކުންފުނީގެ ކަރުދާސް ބޭނުން ނުކުރުމުގެ ސިޔާސަތުގެ ދަށުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޕްރިންޓް ކަލަންޑަރެއްނަމަ އަހަރަކު އާންމުކޮށް 8,000 ވަރަކަށް ކަލަންޑަރު ޗާޕުކުރަން ޖެހޭ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މިހާ ގިނަ ކަލަންޑަރު އުފެއްދުމާއި އުފުލުމުގައި ހީވެސް ނުކުރާ މިންވަރަކަށް ވައިގެ ތެރެއަށް ކާބަން ބޭރުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ކަލަންޑަރު ޗާޕުކުރުން ހުއްޓާލުމަކީ އުކާލެވޭ ކުނި މަދުކޮށް، ގަސްތައް ސަލާމަތްކޮށް، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެސްޓީއޯއިން ބުނެފައިވެއެވެ.



