ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު އަދި ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދު މެންދުރު 14:30 އިން ފެށިގެން މިރޭ 18:30 ހަމައަށް ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވެއެވެ.
މީގެއިތުރުން، ށ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު މެންދުރު 14:30 އިން ފެށިގެން މިރޭ 20:30 ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަރަހައްދުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭ ކަމަށް ލަފާކުރެވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ރައްޔިތުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. އައު އަހަރުގެ ބަންދުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އާންމު ވައިވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މި މޫސުން ގޯސްވުމަށް މައިގަނޑު ސަބަބަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝަރ ޓްރަފެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. މި ހާލަތާ ގުޅިގެން، އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.




