މޫސުން ގޯސްވަމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިކަން އާންމުކޮށްފައިވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް އިންޒާރުދީފައިވާތީއެވެ.
މިއާއިއެކު، ފުލުހުން ވަނީ ކަނޑުދަތުރުކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް އަންގާފައިވެއެވެ. މީގެ އިތުރުން، އުޅަނދުފަހަރަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އާންމު ވައިވެސް ގަދަވާނެކަމަށް ބެލެވެއެވެ.
ފުލުހުންނާއި މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ގޮވާލާފައެވެ.




